
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެތްލީޓުންނަށް ސްކޮލަޝިޕްގެ ދެވަނަ ބުރު ހުޅުވާލަން ނިންމައިފިއެވެ.
ބޭރު ގައުމުތަކުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނު ހޯދުމަށް ދެވޭ މި ސްކޮލަޝިޕަށް ކުޅުންތެރިން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއޯސީންނެވެ. އެގޮތުން އެ ކޮމިޓީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލާނެއެވެ.
ފުރަތަމަ ބުރުގައި ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ފުރިހަމަ ހަރަދު ހިމެނޭ މި ސްކޮލަޝިޕަކީ ރާއްޖޭގައި އެންމެ މޮޅު ކުޅުންތެރިން އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.