
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މާދަމާ ރޭ އޭދަފުއްޓާއި މާފުށި ކުޅޭ މެޗު ބަލަން މާލެ ދިއުމަށް ހާއްސަ ދަތުރެއް އޭދަފުށީ ކައުންސިލުން ހަމަޖައްސައިފި އެވެ.
ގިނަ ބައެއްގެ އެދުމުގެ މަތިން މާދަމާގެ މެޗަށް ހަމަޖެއްސި ދަތުރުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ދަތުރުގެ ދެކޮޅު ޓިކެޓްގެ އަދަކީ 500 ރުފިޔާ އެވެ. ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7740374 ނަންބަރަށް ގުޅުމުން ޓިކެޓް ހަމަޖެހޭނެ އެވެ.
ސަޕޯޓަރުން ގޮވައިގެން ޔޫސުފް ލޯންޗު މާދަމާ މެންދުރު ފަހު އޭދަފުށިން ފުރާނީ 3:30 ގަ އެވެ. މެޗަށް ފަހު މާލެއިން ފުރާނީ ރޭގަނޑު 11:30 ގަ އެވެ.
އޭދަފުއްޓާއި މާފުށި ވާދަކުރަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހއ. ދިއްދޫ އެވެ. ދިއްދޫއާ ދެކޮޅަށް އޭދަފުށި ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ގްރޫޕުގެ ފުލަށް ދާ ޓީމު މުބާރާތުން ކަޓާއިރު ކުރި ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.
މެޗަށް ތައްޔާރުވާން އޭދަފުށި ޓީމު މިހާރު ތިބީ މާލޭގަ އެވެ. ދެވަނަ ބުރުގެ މެޗުތަކާ ކުރިމަތިލާއިރު ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ޓީމުގެ އެދުމެކެވެ.
މާދަމާގެ މެޗުގައި އޭދަފުށި ބޭނުންކުރާނީ ރަތް ޖާޒީ އެވެ. އެހެންވެ ދަނޑަށް ދާއިރު ސަޕޯޓަރުންގެ ކުލައަކީ ރަތް ކުލަ އެވެ. މެޗުގައި އޭދަފުށީ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވަނީ މަޖީދީމަގު / އޮލިމްޕަސް ފަޅި އެވެ.
އޭދަފުށިން ފުރުން: ހަވީރު 3:30 (09 ޑިސެމްބަރު 2024)
މާލެއިން ފުރުން: ރޭގަނޑު 11:30 (09 ޑިސެމްބަރު 2024)
ޓިކެޓް ބުކް ކުރުމަށް ގުޅަންވީ ނަންބަރު: 7740374
ސަޕޯޓަރުންގެ ކުލަ: ރަތް
ސަޕޯޓްކުރަން ތިބޭ ފަޅި: އޮލިމްޕަސް / މަޖީދީމަގު ފަޅި
ގަލޮޅު ދަނޑުގައި މެޗު ފަށާ ގަޑި: ރޭގަނޑު 9:00 (09 ޑިސެމްބަރު)
