އޭދަފުށި ބަލިކޮށް ގޮއިދޫން ބަށި މުބާރާތުގެ ތަށި ދިފާއުކޮށްފި

ބ. އަތޮޅު ކައުންސިލްގެ 3 ވަނަ ބަށި މުބާރާތުގެ ޗެންޕިއަން ޓްރޮފީ ގޮއިދޫ ޓީމު އުފުލާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ. އަތޮޅު ކައުންސިލްގެ 3 ވަނަ ބަށި މުބާރާތުގެ ޗެންޕިއަން ޓްރޮފީ ގޮއިދޫ ޓީމު އުފުލާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލުގައި މިއަދު ހަވީރު އޭދަފުށީ ބަލިކޮށް، ގޮއިދޫން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމުގެ ކުރިމަތިލުން މިއަދު ހަވީރު ގޮއިދޫ ޓީމުން ކާމިޔާބުކުރީ އެންމެ 11 ފޯލީގެ ތަފާތުންނެވެ. މެޗުގައި ދެ ޓީމަށްވެސް ހެދުނީ 27 ލަނޑެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު، ގޮއިދޫ ބަށި ޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއެކު 25،000ރ. ގެ ފައިސާގެ އިނާމު ލިބިފަ އެވެ.

މުބާރާތުގެ ރަނަރަޕް އޭދަފުށި ޓީމަށް ލިބުނީ 15،000ރ. ގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވުނީ ހިތާދޫ ބަށި ޓީމެވެ.

މި އަހަރުވެސް މި މުބާރާތުގެ ބަށި ރާނީ ނުވަތަ އެންމެ މޮޅު ކުޅުންތެރިއާ އަދި އެެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ޓީމުގެ ފާތުމަތު މިލްނާ އެވެ. އޭނާ މި މަގާމަށް ހޮވުނީ ޖުމްލަ 1058 ޕޮއިންޓާއެކު އެވެ. އަދި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށް ހޮވުނީ އޭދަފުށީ ޓީމުގެ ހައްވާ އަބްދުއްރަހްމާން އެވެ.

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ބަށި ޓީމުގެ ނަޒާހަތު އިޝްހާޤު އެވެ.

މިލްނާ އާއި ހައްވާ އަބްދުއްރަހްމާން އަދި ނަޒާހަތު އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގޮއިދޫ ބަށި ޓީމުގެ އައިމިނަތު ޝާހިދާ އާއި މާޅޯހު ބަށީ ޓީމުގެ އާމިނަތު ނަފީސާ އެވެ.

މި އަހަރުގެ ބަށި މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކުރި އެވެ. އެއީ އޭދަފުއްޓާއި ގޮއިދޫގެ އިތުރުން ކިހާދޫ އާއި މާޅޮސް އަދި ހިތާދޫ އެވެ. މިއިން ކޮންމެ ޓީމަކަށް އެހީއެއްގެ ގޮތުން އަތޮޅު ކައުންސިލުންވަނީ 4000ރ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.