
އަންނަ ރަމަޟާން މަހު ވެސް ފެނާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ރަމަޟާން މަހު ބިލުތަކުން ޑިސްކައުންޓް ދެއްވި ފަދައިން މިއަންނަ ރަމަޟާން މަހުވެސް އެ ޑިސްކައުންޓް ދެއްވުމާއެކު، އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.
“ވީހާވެސް ގިނަ އެހީތެރިކަން، ވީވަރަކުން ކަންކަމުގައި ޚަރަދުތައް ލުއިކޮށްދީގެން، އާމްދަނީ އިތުރުކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދާނީ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް ދެއްވުމަށްވެސް ނިންމަވާފައެވެ.
ފާއިތުވި ރަމަޟާން މަހު ސަރުކާރުން ވަނީ ފެނާއި ކަރަންޓު ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ. އަދި 82,000 ގޭބިސީއަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދެއްވާފައިވެއެވެ.

