ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި މާފުށި އަތުން 0-2 އިން ބަލިވެއްޖެ އެވެ.
މެޗަށް ނުކުތްއިރު ފޭވަރިޓުންނަކީ އޭދަފުށި ކަމަށް ބެލެވުނު ނަމަވެސް މާފުށިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭދަފުށީގެ ކުޅުންތެރިން ހުއްޓުވުމުގައި ކުރި ހޯދައި އެޓީމުން ގޯލު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ.
މެޗުގައި އޭދަފުއްޓަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އެވެ. އެކަމަކު ފުރަތަމަ ތިން މެޗުގައި ދެއްކި މޮޅު ކުޅުން އޭދަފުއްޓަށް ތަކުރާރެއް ނުކުރެވުނެވެ.
މާފުށީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އެވެ. އޭރިޔާ ބޭރުން އިއްބެ އަށް ލިބުނު ބޯޅަ ތިރިތިރިން ފޮނުވާލީ ގޯލުގެ ކަނަށެވެ.
މާފުށީގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ އިސްމާއީލް މަފާޒް އިބްރާހީމް އެވެ. އޭދަފުށީގެ ޑިފެންޑަރުން ބްލޮކްކުރަން މަސައްކަތްކުރި ބޯޅަ މަފާޒް ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި މާފުށީގެ ކުޅުންތެރިއަކަށް ގަސްތުގައި ހަމަލާދިނުމުން އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މާފުއްޓަށް ބޮޑު ސަޕޯޓެއް އޮތް މެޗުން މޮޅުވުމާ އެކު އެޓީމުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ގްރޫޕް ޖީގައި އޭދަފުއްޓާއި މާފުށީގެ އިތުރުން ހިމެނެނީ ހއ. ދިއްދޫ އެވެ. ގްރޫޕުގައި މާފުއްޓާއި ދިއްދޫ ވާދަކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ގްރޫޕުގެ ފަހު މެޗުގައި އޭދަފުއްޓާއި ދިއްދޫ ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ކުއާޓާ ފައިނަލަށް ދާނީ ގްރޫޕުގެ އެންމެ ކުރި ހޯދާ ދެ ޓީމެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގޯލްޑް ކަޕްގައި 17 ޓީމު ބައިވެރިވި އެވެ. މިހާރު ކުރިއަށްދަނީ 12 ޓީމު ހިމެނޭ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތަކެވެ.
Adhi molhuvaane.hinvar othee
Thikamaa atholhu baeh meehunves ufaavaane.