
އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ޔޫއޭއީ އާއި ތައިލެންޑުގެ ބެންކޮކްގެ ތިން ހޮސްޕިޓަލަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ 15 އިން ފެށިގެން އެ ހޮސްޕިޓަލްތަކުން ފަރުވާ ދޭން ފެށޭނެއެވެ.
އާސަންދަ ކުންފުނީގެ ފަރާތުން އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާއެވެ. އަދި ހޮސްޕިޓަލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ތަންތަނުގެ އިސްވެރިންނެވެ.
މި އެއްބަސްވުމުގެ ދަށުން އާސަންދައިގެ ހިދުމަތް ލިބޭނީ ޔޫއޭއީގެ އަބޫދާބީގައި ހުންނަ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލުންނެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު އިއުލާންކުރެއްވި ގޮތަށް އާސަންދައިގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެކެވެ. މިކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އާސަންދައަކީ ވަކި ދިމާލެއްގައި އޮންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ވާން ބޭނުންފުޅު ނުވާ ކަމަށެވެ.
މިހާތަނަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުން އައީ ސްރީލަންކާގެ އަށް ހޮސްޕިޓަލަކާއި އިންޑިއާގެ 49 ހޮސްޕިޓަލަކުންނެވެ. މި އިތުރުވި ތިން ހޮސްޕިޓަލާ އެކު މިހާރު ޖުމުލަ 60 ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބޭނެއެވެ.

