
މަސްވެރިކަމާއި ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދާއިރާތަކުން ކިޔެވުމަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓްރީގެ ފަރާތުން މި ސްކޮލަރޝިޕްތައް ދެނީ “ޓްރާންސްފޯރމިން ފިޝަރީޒް މެނޭޖްމެންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް”ގެ ދަށުންނެވެ. މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ދާއިރާއިން ބެޗްލާރސް ޑިގްރީއަށް ދެ ފުރުސަތާއި އެކުއަރކަލްޗަރ ދާއިރާއިން އެއް ފުރުސަތު ދެއެވެ. މި ފުރުސަތުތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ނިމުމަށްފަހު ވުޒާރާގައި ވަކި މުއްދަތަކަށް މަސައްކަތްކުރަން ޖެހޭނެއެވެ.
އަދި ވުޒާރާގައި މަސައްކަތްކުރަން ނުޖެހޭ ގޮތަށް އިތުރު ފުރުސަތުތަކެއް ދެއެވެ. އެގޮތުން ޕްލާންޓް ޕްރޮޓެކްޝަން/އެންޓޮމޮލޮޖީ/ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން މާސްޓާރސް ޑިގްރީއަށް ފުރުސަތު ދެއެވެ. މީގެ އިތުރުން އެގްރިކަލްޗަރަލް ސައިންސް، ވެޓެރިނަރީ/ޒޫލޮޖީ/އެނިމަލް ސައިންސް، އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، އަދި ނެޗުރަލް ރިސޯސް މެނޭޖްމަންޓް/އިކޮނޮމިކްސް އިން ބެޗްލާރސް ޑިގްރީއަށް ފުރުސަތު ދެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން 2025 ޖެނުއަރީ 9 ގެ ކުރިން ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ހުށަހަޅަން ޖެހޭނެއެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ސްކޮލަރޝިޕްގައި ހިމެނޭ ފީތަކުގެ ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

