ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ކ. މާފުށި އަތުން މިދިޔަ ހޯމަ ދުވަހު އޭދަފުށި 0-2 އިން ބަލިވި މެޗުގައި، އޭދަފުށީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު ކުރި ނުރައްކާތެރި ފައުލް ރިވިއު ކުރުމަށް ފަހު، ގޯލްޑް ކަޕުން އޭނާ އަށް ބޮޑު އަދަބެއް ދީފި އެވެ.
މެޗުން އޭދަފުށި ބަލިވާން ދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި، އަޖުފާން ފައުލް ކުރީ މާފުށި ޓީމުގެ އަހުމަދު އަބްދުއްސައްތާރަށެވެ.
އަހުމަދު ހުސްކޮށް ހިފައިގެން ދިޔަ ބޯޅަ ކީޕަރު ކައިރިން ކަޓުވާލިތަނާ، އަޖުފާން ވަނީ ބޯޅަ ނެތިސް ނުރައްކާތެރި ގޮތަކަށް ފައުލްކޮށްފަ އެވެ. އަޖުފާން ދެފައިން އަހުމަދުގެ ހަށިގަނޑަށް ހަމަލާދިނުމާއެކު ރެފްރީ ވަނީ ވަގުތުން އަޖުފާން އަށް ރަތް ކާޑު ދައްކައިފަ އެވެ. ރަތް ކާޑާ އެކު ދަނޑުގައި ތިބި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވެސް ބޮޑުވި އެވެ.
އަޖުފާންގެ ނުރައްކާތެރި އަމަލު ގޯލްޑް ކަޕްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ބެލުމަށް ފަހު ދިން އަދަބަކީ ނައިންޓީ ޕްލަސް އިން އިންތިޒާމުކުރާ މުބާރާތްތަކުން އަހަރު ދުވަހަށް ސަސްޕެންޑް ކުރުމާއެކު 5000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ އަޖުފާންގެ ފައުލަކީ “ވަޔަލަންޓް ކޮންޑަކްޓް” އެއް ކަމާއި، އެފަދަ އަމަލުތައް ދެވަނަ ފަހަރު ތަކުރާރު ނުކުރުމަށެވެ.
އަޖުފާންގެ ފައުލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ދެވަނަ ބުރުގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނުކުންނާނީ ހއ. ދިއްދޫއާ ދެކޮޅަށެވެ. ގްރޫޕުގެ އަނެއް މެޗުގައި މިރޭ ކުޅޭނީ މާފުއްޓާއި ދިއްދޫ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.