ބ. އޭދަފުށީގައި ގެސްޓަހައުސް ތަރައްގީކޮށް ހިންގާނެ ބަޔަކު ނުވުމުން، އެ މަސައްކަތަށް އޭދަފުށީ ކައުންސިލުން ތިންވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފި އެވެ.
އޭދަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ގެސްޓްހައުސް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ވެސް އެއްވެސް ފަރާތަކުން ބިޑްފޮތް ގަނެފައިނުވާކަމަށެވެ. އެހެންވެ، ކުރީގެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލީ ކަމަށް ކައުންސިލުން ބުންޏެވެ.
އޭދަފުށީ ކައުންސިލުގެ އިއުލާނުގައި ވާގޮތުން މި ގެސްޓްހައުސްތައް ތަރައްގީކުރަން 10،000 އަކަފޫޓުގެ ދެ ބިމެއް ރަށުގެ ދެ ސަރަހައްދަކުން ވަނީ ކަނޑައަޅާފަ އެވެ. އެ ބިންތައް ކުއްޔަށް ދޫކުރަނީ 50 އަހަރަށެވެ.
އިއުލާނުގައިވާ ގޮތުން ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލީ އަމިއްލަ ހަރަދުގައި ގެސްޓްހައުސް އިމާރާތްކޮށް، އެ ތަން ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ގެސްޓް ހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ފޮތް ގަތުމުގެ ފުރުސަތު 5 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މުއްދަތަކީ، 6 ޖެނުއަރީ 2025 އިން ފެށިގެން 9 ޖެނުއަރީ 2025 ގެ ނިޔަލަށެވެ.
މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 10،000ރ. އެވެ. ބިޑް ހުށަހަޅަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އޭދަފުށީ ކައުންސިލް އިދާރާ އަށެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.