މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ކުއާޓާ ފައިނަލުގައި އޭދަފުށިން ޅ. ނައިފަރާ ވާދަކުރަން ޖެހިއްޖެ އެވެ.
ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނައިފަރު ވަނީ މިރޭ އައްޑޫ ސިޓީއާ ވާދަކޮށް 2-7 ގެ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ބަލިވިޔަސް ނައިފަރަށް ގްރޫޕް ޖީގެ ދެވަނަ ކަށަވަރުވީ ފުރަތަމަ މެޗުގައި ދ. މީދޫ ބަލިކުރުމުންނެވެ.
އޭދަފުށި ވަނީ ދެވަނަ ބުރުގައި ގްރޫޕް އެފްގެ އެއްވަނަ ހޯދައިފަ އެވެ. ގްރޫޕުގެ ދެވަނަ ލިބުނީ ކ. މާފުއްޓަށެވެ. ނައިފަރު ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދީ އައްޑޫ އެވެ.
ކުއާޓާ ފައިނަލުގައި އޭދަފުއްޓާއި ނައިފަރު ވާދަކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު އެވެ. ކުއާޓާގައި އައްޑޫ ނުކުންނާނީ މާފުއްޓާ ދެކޮޅަށެވެ.
މިހާތަނަށް ހަ ޓީމަކުން ވަނީ ކުއާޓާ ފައިނަލް ކަށަވަރުކޮށްފަ އެވެ. ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުވާނީ ރ. އަލިފުއްޓާއި މާލެ ސިޓީ ވާދަކުރާ މެޗަށް ފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މެޗު މާދަމާ ހަވީރު ކުޅޭނެ އެވެ.
އަލިފުއްޓާއި މާލެ ކުޅެން އޮތް މެޗު މިއަދު ފަސްކުރީ، މާލެ ޓީމުގައި އަތޮޅު ތެރެއަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ހިމެނޭ ކަމަށްބުނެ ޅ. ކުރެންދޫ އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކުއާޓާ ފައިނަލް މެޗުތައް
އަންގާރަ (15:50): އޭދަފުށި – ނައިފަރު
އަންގާރަ (21:00): ކ. ގުރައިދޫ – އަލިފުށި / މާލެ / ކުރެންދޫ
ބުދަ (15:50): އަލިފުށި / މާލެ / ކުރެންދޫ – ފުވައްމުލައް ސިޓީ
ބުދަ (21:00): އައްޑޫ ސިޓީ – ކ. މާފުށި