
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ރޭ ފަށައިފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ
އެމްއާރުއައިގެ މި ހިދުމަތަށް އަމާޒުކޮށް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ އެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ގެންދިއުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށެވެ.
ހަމައެއާއެކު، ހުޅުގައި ރިއްސުމުގެ އުނދަގޫ ދިމާވާ މީހުންނަށް ހާއްސަ އަމާޒެއް ހިފައިގެން ޕީއާރުޕީ ނުވަތަ ޕްލެޓްލެޓް ރިޗް ޕްލާސްމާ ފަރުވާގެ ހިދުމަތްވެސް ވަނީ ރޭ އެ ހޮސްޕިޓަލުގައި ތައާރަފުކޮށްފައެވެ.
އަހަރެއްގެ މައްޗަށް 70 ހާހަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ މި ހޮސްޕިޓަލުގައި މިހާރުވެސް ސީޓީ ސްކޭން ހެދުމުގެ ހިދުމަތް ދެމުން ގެންދެއެވެ. އެމްއާރުއައި މެޝިން ހަރުކުރުމާއެކު އެކި ބާވަތުގެ ސްކޭން ހެދުމުގެ ހިދުމަތް ފުޅާވެގެން ދާނެއެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ވެލްވިމަން ކްލިނިކެއް ހުޅުވުމާއެކު ރިޕްރޮޑަކްޓިވް ހެލްތުގެ ހިދުމަތްތައްވެސް މި ހޮސްޕިޓަލުގައި ފެށުނެވެ. އަދި ހަމަ އެ އަހަރު ލެޕްރޮސްކޮޕިކް ސަރޖަރީއާއި އިތުރު ސްޕެޝަލިސްޓް ހިދުމަތްތަކެއްވެސް ވަނީ ހޯދާފައެވެ.

