
ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ބ. އޭދަފުށިން ވަނީ ހއ. ދިއްދޫ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އޭދަފުށިން 4-1 އިން މޮޅުވެފައިވެއެވެ. މި ނަތީޖާއާއެކު އޭދަފުށީގެ އިތުރުން ކ. މާފުއްޓަށްވެސް ކުއާޓާގެ ޖާގައެއް ޔަގީންވެފައިވާއިރު، ދިއްދޫ ވަނީ މުބާރާތުން ވަކިވެފައެވެ.
މެޗުގައި އޭދަފުށީގެ ފަރާތުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އަލީ ނަސީމް، ޖައުޝަން މުޙައްމަދު އަދި މުޙައްމަދު ފާސިރު ވަނީ ލަނޑުތައް ޖަހާފައެވެ. ދިއްދޫގެ ފަރާތުން ހުސައިން ޒިމްޔާން ވަނީ އެންމެ ލަނޑެއް ޖަހާފައެވެ. މި މުބާރާތުގެ ކުއާޓާގެ ޖާގަތައް މިހާތަނަށް އައިރު ކަށަވަރުކޮށްފައިވަނީ އޭދަފުއްޓާއި މާފުށީގެ އިތުރުން މާލެ ސިޓީ، ރ. އަލިފުށި، ޅ. ނައިފަރު އަދި ކ. ގުރައިދޫންނެވެ.
މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމެއް ހިމެނޭއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ. މި މުބާރާތަކީ ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.