
ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އާބަން ސެންޓަރުތަކުން އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާބަން ސެންޓަރުތަކެއް ޤާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދެއް ކަމަށްވާއިރު، މިހާރު މި ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި، ބ. އޭދަފުއްޓާއި، ޅ. ނައިފަރާއި، އދ. މަހިބަދޫ އާއި، ފ. ނިލަންދޫ އާއި، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫގައެވެ.
އދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މަހިބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސެންޓަރުތައް ޤާއިމުކުރެވޭނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޚިދުމަތްތައް ލިބޭނެ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އާބަން ސެންޓަރުތައް ޤާއިމުކުރުމުން ގެދޮރުވެރިކަމާއި އިޤްތިޞާދީ ގޮތުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.
“މި ތަންތަން ޤާއިމުކުރަނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކޮންސެޕްޓުގައި، އެއީ ދުރުރާސްތާގެ ތަރައްޤީއަށް ރާއްޖެ ބައްޓަންކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،” މިހެން ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ސެންޓަރުތަކުން އެންމެ މަތީ ފެންވަރުގައި ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި އިޖުތިމާޢީ އެހެން ހުރިހާ ދާއިރާތަކެއްގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރެވިގެންދާނީ އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.

