
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިދިޔަ އާދީއްތަ ދުވަހު ގެނެވުނު އިސްލާހާ ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ދިނުމާއި އަދި އެކަކު އަނެކަކަށް ދިނުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ޤާނޫނާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާގެ މައުލޫމާތު އެސްއެމްއެސްގެ ޒަރީއާއިން އެންގޭނެއެވެ. އަދި މި މެސެޖުގައި ވާރުޕޭގެ ޕޭމަންޓް ލިންކެއްވެސް ހިމެނޭނެއެވެ.
މި ޤާނޫނުގެ ދަށުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރާ ފަރާތްތަކަށް 50،000 ރުފިޔާގެ ޖޫރިމަނާއަކާއި، އެތެރެކުރާ ކޮންމެ އާލާތަކަށް އިތުރު 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ވިއްކާ ފަރާތްތައް 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ވޭޕް އާލާތްތައް ހިލޭ ބަހާ ފަރާތްތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ކުޑަކުދިންނަށް ވިއްކައިފި ނުވަތަ ހިލޭ ދީފި ނަމަ، އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ވޭޕް ބޭނުންކުރާ ފަރާތްތަކަށް 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި، މި ގާނޫނު ތަންފީޒު ކުރުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ.

