
އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މުޅި ހިއްސާ، އުރީދޫ ގްރޫޕްގެ ދަށުން ހިންގާ އޯއެފްޓީ އިންޓަނޭޝަނަލަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިންގ (އީޖީއެމް)ގައި ހިއްސާދާރުން މި ނިންމުން ފާސްކުރިއެވެ. އުރީދޫން މައުލޫމާތު ދީފައިވާ ގޮތުގައި، އޯއެފްޓީ އަކީ ފައިނޭންޝަލް ޓެކްނޮލޮޖީގެ ރޮނގުން ގިނަ ތަޖުރިބާއާއި ވަސީލަތްތަކެއް ލިބިފައިވާ ކުންފުންޏެކެވެ. އަދި ޓެކްފިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ ގްރޫޕުގެ ކުންފުނިތަކުން އުފައްދާފައިވާ ހުރިހާ ސަބްސިޑަރީ ކުންފުނިތަކަށް މިއީ އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ސަރވިސް ޕްރޮވައިޑަރ (ޕީއެސްޕީ) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

