
ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ކުއާޓާ ފައިނަލުގައި އޭދަފުށި މިއަދު ހަވީރު ޅ. ނައިފަރާ ދެކޮޅަށް ނުކުންނާނެ އެވެ.
އޭދަފުށި ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ހިމެނުނު ގްރޫޕް އެފްގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުގައި މާފުށި އަތުން 0-2 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ދިއްދޫއާ ވާދަކޮށް 4-1 އިން މޮޅުވި އެވެ.
ނައިފަރު ކުއާޓާ ފައިނަލަށް ހޮވުނީ ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ދ. މީދޫއާ ވާދަކޮށް 2-0 އިން ނައިފަރު މޮޅުވި އެވެ. އެކަމަކު ދެވަނަ މެޗުގައި އައްޑޫ ސިޓީ އަތުން 2-7 ގެ ބޮޑު ތަފާތަކުން ބަލިވި އެވެ. އައްޑޫ މެޗަށް ނުކުތްއިރުވެސް ނައިފަރު އޮތީ ކުއާޓާ ފައިނަލަށް ހޮވިފަ އެވެ.
ސެމީގެ ޖާގައަކަށް އަމާޒު ހިފައިގެން ނުކުންނަ އޭދަފުށި ޓީމުން ބުނީ، ދިއްދޫ މެޗުގައި ސަޕޯޓަރުން ދިން ހިތްވަރު މިއަދުގެ މެޗުގައި ވެސް ތަކުރާރުކުރަން އެދޭ ކަމަށެވެ.
“ދިއްދޫ މެޗުން މޮޅުވުމުގެ އަސްލަކީ ސަޕޯޓަރުން. އެ ފޯރި އަނެއްކާވެސް ތަކުރާރުކުރަން ކުޅުންތެރިން އެދޭ. ޓީމު އޮތީ ސަޕޯޓަރުންގެ ހިތްވަރާއެކު ވަރަށް ރަނގަޅު ޖޯޝެއްގަ” ސަޕޯޓަރުން ދޫނުދީ އެއްގޮތެއްގައި ތިބުމަށް އެދެމުން އޭދަފުށި ޓީމުގެ އޮފިޝަލް ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ދިއްދޫއާ ދެކޮޅަށް އޭދަފުށި ނުކުތީ ތިން ގޯލުގެ ތަފާތަކުން މޮޅުވާން މަޖުބޫރު ހާލަތުގަ އެވެ. އެ މެޗުގައި އޭދަފުށީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ޓީމަށް ތަރުހީބުދީފަ އެވެ. ސަޕޯޓަރުންގެ ހިތްވަރާއެކު ކުޅުންތެރިން އެދުވަހު ފެނުނީ ތަފާތު ރޫހެއްގަ އެވެ.
ނައިފަރާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެ ސަޕޯޓް ތަކުރާރު ކުރުމަށް އޭދަފުށިން އަންނަނީ ތައްޔާރުވަމުންނެވެ.
ކުއާޓާ ފައިނަލުގައި މިއަދު ހަވީރު އޭދަފުއްޓާއި ނައިފަރު ވާދަކުރާ މެޗު ފަށާނީ 3:50 ގަ އެވެ.
ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ މާލެ ސިޓީ އާއި ކ. ގުރައިދޫ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ރ. އަލިފުއްޓާއި ފުވައްމުލަށް ސިޓީ ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މާދަމާ ރޭ ކ. މާފުށި ނުކުންނާނީ އައްޑޫ ސިޓީއާ ދެކޮޅަށެވެ.

