
ނައިފަރު 5-0 އިން ބަލިކޮށް އޭދަފުށި ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގައި އޭދަފުށީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް މާޒިޔާ ސްޕޯޓްސް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަން ހަސަން (ބިޑި) ސްކޮޑުގައި ހިމެނުމެވެ.
މިގޮތުން ހައިޝަމް ހަސަން (ބިޑި) އާއި އަލީ ފާސިރު (ސެންޓޭ) ފުރަތަމަ 11 ގައި ކުޅުނު އިރު، ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އެރީ މެޗުގެ ފަހު 25 މިނިޓުގައެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި އޭދަފުށިން ފުރަތަމަ ގޯލު ލިބުނީ މެޗު ފެށިގެން ހަތަރު މިނިޓު ތެރޭގައި އެވެ. އެއީ އަހުމަދު އައިހަމް (އައިހު) ނަގައިދިން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ނައިފަރުގެ އިބްރާހިމް ވިޝާމްގެ ފައިގައި ޖެހި ލިބުނު އަމިއްލަ ގޯލެކެވެ.

15 ވަނަ މިނިޓުގައި ސެންޓޭ ދެވަނަ ގޯލު ޖެހުމަށްފަހު، މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އައިހަމް (އައިހު) 22 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖެހިއެވެ.
ދެވަނަ ހާފުގައި މުހައްމަދު ފާސިރު (ފާއްޓޭ) އާއި ސައްޓު ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި މިއީ 2009 ވަނަ އަހަރު ފަހުން، ސެންޓޭ އާއި ފާއްޓޭ ގަލޮޅު ދަނޑުގައި އެއް މެޗެއްގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުގައި އޭދަފުށި ކުޅެން ޖެހޭނީ މިރޭ ކުއާޓާ ފައިނަލުގައި މާލެ ސިޓީ އާއި ކ. ގުރައިދޫ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.