
އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ވެރިފައިޑް ވަޓްސްއެޕް އެކައުންޓެއް ތައާރަފުކޮށްފި އެވެ.
މި އާ ހިދުމަތާއެކު އުރީދޫގެ ކަސްޓަމަރުންނަށް ވަޓްސްއެޕް މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި ފަސޭހަކަމާއެކު ހިދުމަތް ލިބިގެންދާނެ އެވެ. އަދި ކުންފުނީގެ ޑިޖިޓަލް އިނޮވޭޝަންގެ ތެރެއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ އެވެ.
އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ކަސްޓަމަރުންނަށް ލިބޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި 24 ގަޑިއިރު ކަސްޓަމަރ ސަޕޯޓްގެ ހިދުމަތާއި، ރައްކާތެރި ވެރިފައިޑް އެކައުންޓް މެދުވެރިކޮށް މުއާމަލާތްކުރުމުގެ ފުރުސަތު ހިމެނެ އެވެ.
އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން ތައާރަފުކުރި މި ސޮލިއުޝަނަށް ކަސްޓަމަރުންނަށް ވާސިލުވެވޭނީ 9609611929 ނަންބަރަށް މެސެޖު ކުރުމުންނެވެ. މި ނަންބަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ކުންފުނީގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި، ބިލިންގ އަދި ޓްރަބަލްޝޫޓިންގގެ ހިދުމަތް ލިބޭނެ އެވެ.

