އޭދަފުށި އަނެއްކާވެސް މާލެއާ ދެކޮޅަށް، މުޅި ރަށް އިންތިޒާރުގައި

އޭދަފުއްޓާ ނައިފަރު ކުޅުނު މެޗަށްފަހު ކުޅުންތެރިން ސަޕޯޓަރުންނާ ސަލާންކުރަނީ– ފޮޓޯ ސަންމާހު

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ސެމީ ފައިނަލުގައި މާލެ ސިޓީއާ ދެކޮޅަށް އޭދަފުށި މިއަދު ނުކުންނާނެ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ސެމީ ފައިނަލުގެ ދެ މެޗެވެ. އޭދަފުއްޓާއި މާލެ ހަވީރު ކުޅޭއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރ. އަލިފުއްޓާއި އައްޑޫ ސިޓީ އެވެ.

އޭދަފުށި ވަނީ މާލެއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި ވެސް ވާދަކޮށްފަ އެވެ. މޮޅަށް ކުޅެ އެ މެޗުން އޭދަފުށި މޮޅުވީ 0-2 އިންނެވެ.

އޭދަފުށި ވަނީ ގްރޫޕް ސްޓޭޖުގެ ދެ ބުރުގައި ވެސް އެއް ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޅ. ނައިފަރު 0-5 އިން ބަލިކޮށްގެންނެވެ.

މުބާރާތުގައި އޭދަފުށި ހަމައެކަނި ބަލިވީ ދެވަނަ ބުރުގައި ކ. މާފުށި އަތުން 0-2 އިންނެވެ. މާލެ ވަނީ އޭދަފުށި މެޗުގެ އިތުރުން ދެވަނަ ބުރުގައި އަލިފުށި އަތުން 1-3 އިން ބަލިވެފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު އަދި ދެ ވަނަ ބުރުގައި ވެސް މާލެ އަށް ލިބުނީ ދެ ވަނަ އެވެ. ކުއާޓާ ފައިނަލުގައި އެޓީމު މޮޅުވީ ކ. ގުރައިދޫއާ ދެކޮޅަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

“އަނެއްކާވެސް މާލެއާ ދެކޮޅަށް ނުކުންނައިރު ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި. ސަޕޯޓަރުން ކުރިއަށްވުރެ ވަރުގަދަކޮށް ސަޕޯޓް ކޮށްދީ. އިރާދަކުރެއްވިއްޔާ ސަޕޯޓަރުންގެ ހިތްވަރާއެކު މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރާނަން” އޭދަފުށި ޓީމުގެ އޮފިޝަލް ބުންޏެވެ.

އޭދަފުށީ ސަޕޯޓަރުން – ފޮޓޯ: ހުސައިން ސަންމާހު

ފުރަތަމަ ބުރުގައި މާލެއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ މިހާރު އޮތް ސްކޮޑް ވަރުގަދަ އެވެ. އޭދަފުށި ޓީމަށް މިހާރު އިތުރުވެފައިވަނީ ރަށަށް ނިސްބަތްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ހަތަރު ކުޅުންތެރިން ކަމުގައިވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަންގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ކްލަބްތަކުން ރިލީޒް ހޯދައިގެން އެ ކުޅުންތެރިން ކުޅުނު ހަމައެކަނި މެޗަކީ ކުއާޓާ ފައިނަލް މެޗެވެ.

މުޅި ރަށް މިއަދުގެ ސެމީ ފައިނަލަށް އިންތިޒާރުކުރާއިރު، ސަޕޯޓަރުން އަންނަނީ ޓީމަށް ތަރުހީބު ދިނުމުގެ ތައްޔާރީތައް ވަމުންނެވެ.

މިއަދުގެ މެޗު ގަލޮޅު ދަނޑުގައި ފަށާނީ 3:50 ގަ އެވެ. މެޗު ޓިކެޓް ވިއްކަން ފަށާނީ މެންދުރު ފަހު 2 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.