އޭދަފުއްޓަށް ކާމިޔާބީއަށް އެދި މުޅި ބ. އަތޮޅު އަތުގުޅާލައިފި

އޭދަފުށި ފުޓްބޯޅަ ޓީމު، ފޮޓޯ / އިމޭޖަސް.އެމްވީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ފައިނަލުގައި މިރޭ އައްޑޫ ސިޓީއާ ދެކޮޅަށް އޭދަފުށި ނުކުންނަ މެޗަށް، އޭދަފުއްޓަށް ކާމިޔާބީއަށް އެދި މުޅި ބ. އަތޮޅު އަތުގުޅާލައިފި އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ގޯލްޑް ކަޕް ފައިނަލުގައި އޭދަފުށި މިރޭ ކުޅޭއިރު އަތޮޅުގެ ރަށްތަކާއި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން އަންނަނީ އޭދަފުއްޓަށް ކާމިޔާބީއަށް އެދެމުންނެވެ.

އޭދަފުށި ޓީމަށް ކުރިން ކުޅުނު ބ. ގޮއިދޫގެ ހުނަރުވެރި ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ބުނީ އޭދަފުއްޓަށް ކާމިޔާބީއަށް އެދޭ ކަމަށާއި އުއްމީދަކީ މިފަހަރު ތަށި ބ. އަތޮޅުގައި ބެހެއްޓުން ކަމަށެވެ.

“މިއީ އަހަރެމެން ވިދަންވީ ވަގުތު. އެކަމަށް އަހަރެން ޝައްކެއް ނުކުރަން. މި ޓީމަށް 100 އިންސައްތަ އިތުބާރު އެބައޮތް. މިއީ އަހަރެން ނިސްބަތްވާ ޓީމު އަދި އަހަރެންގެ ފުޓްބޯޅަ ކެރިއަރު ފަށައި އަނެއް ހަރުފަތަށް ގެންގޮސްދިން ޓީމު” އޭދަފުއްޓާ ގާތް ގުޅުމެއް އޮންނަ ކިތުނާ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފައިނަލުގައި އޭދަފުށި ނުކުންނައިރު އަތޮޅުގެ ގިނަ ބަޔަކު މިއަދު އޭދަފުއްޓަށް ސަޕޯޓްކުރަން ދަނޑަށް ވަންނާނެ އެވެ.

“ބޯޅަ އަލުން ބާ އަށް. މުޅި ބ. އަތޮޅުގެ ފަހުރު ކަމުގައިވާ އޭދަފުއްޓަށް ހިތްވަރުދީ ތަށި ބ. އަތޮޅަށް ގެންދިއުމަށް މުޅި ބ. އަތޮޅު އެންމެން އެކުގައި ގަލޮޅު ދަނޑަށް” ތުޅާދޫ އިން ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

ބ. އަތޮޅު ކައުންސިލުންގެ ރައީސް އަހުމަދު އަފްރާހް ވިދާޅުވީ އުއްމީދަކީ މުޅި މުބާރާތުގައި އޭދަފުށި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް ފައިނަލް މެޗު ކާމިޔާބު ކުރުން ކަމަށެވެ.

ބޮޑު ފައިނަލަށް މުޅި އޭދަފުއްޓާއެކު މުޅި ބ. އަތޮޅު ތައްޔާރުވާއިރު، މެޗު ބެލުމަށް އޭދަފުށިން ގާތްގަނޑަކަށް ފަސްސަތޭކައެއްހާ ސަޕޯޓަރުން މިއަދު މާލެ ދާނެ އެވެ.

މިރޭގެ މެޗުގައި އޭދަފުށި ޓީމުން ބޭނުންކުރާނީ ރަތް ކުލަ އެވެ. އެހެންވެ ސަޕޯޓަރުންވެސް އަންނަނީ ރަތް ކުލައިގައި ޓީމަށް ތަރުހީބު ދިނުމަށް ތައްޔާރުވަމުންނެވެ.

ފައިނަލް މެޗުގައި އޭދަފުށި ސަޕޯޓަރުންނަށް ހާއްސަކޮށްފައިވަނީ މަޖީދީމަގު / އޮލިމްޕަސް ފަޅީގެ ސިޑިބަރި އެވެ.

މިރޭގެ ފައިނަލް މެޗު ގަލޮޅު ދަނޑުގައި ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.