ގޯލްޑް ކަޕް ކާމިޔާބުކޮށް އޭދަފުށި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަމަށް

ޗެމްޕިއަން ޓްރޮފީއާއެކު އޭދަފުށި އުފާފާޅުކުރަނީ—ފޮޓޯ/އިމޭޖަސް.އެމްވީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލްގައި އައްޑޫ ސިޓީ 2-0 އިން ބަލިކޮށް، ބ. އޭދަފުށިން ޗެމްޕިއަންކަން ހޯދައިފި އެވެ.

2016 ވަނަ އަހަރު އެފްއޭއެމްގެ މިނިވަން ޗެމްޕިއަންޝިޕްގައި ތ. ތިމަރަފުށި 1-0 އިން ބަލިކުރިފަހުން، އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްގައި އޭދަފުށިން ޗެމްޕިއަންކަން ހޯދީ މިއީ ފުރަތަމަ ފަހަރެވެ.

މިރޭގެ ފައިނަލް މެޗުގައި އޭދަފުށީގެ ފަރާތުން ފުރަތަމަ ލަނޑު ނެގީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އޭދަފުށިން ހޯދި ކޯނަރ ކިކަކުން އޭރިއާ ތެރެއަށް ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ސީދާ ގޯލުތެރެއަށް ވެއްދީ ފާއްޓޭއެވެ.

ދެވަނަ ހާފުގައި އައްޑޫ ސިޓީން ބަދަލުވުމަށް ބޮޑަށް ބާރުއަޅާ އެކި ގޮތްގޮތުން ހަމަލާދިން ނަމަވެސް، އޭދަފުށީގެ ޑިފެންސް ވަނީ އެ ހަމަލާތަކުން ދިފާއުވެފައެވެ. މެޗުގެ ފަހުކޮޅު އަލީ ފާސިރު (ސެންޓޭ) އިން ރީތި ލަނޑެއް ޖަހާލައި މޮޅު އިތުރަށް ފުޅާކޮށްފައި ވެއެވެ. މި ލަނޑު ޖެހުމުގެ ކުރިން ހަމްޕު ބޮލުން ޖެހި ބޯޅައެއް ހޯދައި، ސެންޓޭ ވަނީ އޭރިއާ ތެރޭގައި ކުޅުންތެރިއަކު ނައްޓާލާފައި ތިރިތިރިން ލަނޑުޖަހާލާފައެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ ފައިނަލް މެޗުގައި އޭދަފުށި ޓީމް ކުޅެމުން ދިޔައީ އިޝާން އިބްރާހިމް (ސައްޓު)ގެ ކެޕްޓަންކަމުގެ ދަށުންނެވެ. އަދި އައްޑޫ ސިޓީ ޓީމުގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ކުރީގެ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވި މި މެޗުގެ ކުރިން، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އިން މުބާރާތުގެ ޓްރޮފީ ދައްކާލިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.