އަތޮޅު ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފަށަނީ

ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުގައި ނަފްސާނީ އަދި ވާހަކަދެއްކުމުގެ ފަރުވާގެ (ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީ) ހިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ހޮސްޕިޓަލްތަކަށް ފޮނުވި ސިޓީގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެފައިވަނީ، ރާއްޖޭގައި ނަފްސާނީ އެކި އުނދަގޫތައް ދިމާވާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންނާއި ނުކުޅެދުންތެރިކަމާ ކުރިމަތިލާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިހާރު ތެރަޕީގެ ހިދުމަތްތައް ލިބެނީ މާލެ އާއި ލެވެލް ތިނެއްގެ (ރީޖަނަލް) ހޮސްޕިޓަލްތަކުން ކަމަށާއި، އެކަމުގެ ސަބަބުން ވެއިޓްލިސްޓް ދިގުވެ، އަތޮޅުތަކުން މާލެ އަންނަން މަޖުބޫރުވާތީ ގިނަ ގޮންޖެހުންތަކެއް އާންމުން ދަނީ ކުރިމަތިލަމުން ކަމަށް މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީން ފޮނުވި ޕޮލިސީ ނިންމުމުގައި ވެއެވެ.

އެހެންވެ ގައުމީ ފެންވަރުގައި ނަފްސާނީ ބަލިތަކަށް ފަރުވާ އަދި އެހީތެރިކަން ދެވޭ މިންވަރު އިތުރުކޮށް، ވެއިޓްލިސްޓުގައި މަޑުކުރަން ޖެހޭ މުއްދަތު ކުރުކުރުމަށް ލެވެލް 2 ގެ ހޮސްޕިޓަލްތަކުގައި ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން އަދި ސޯޝަލް ވޯކަރުންގެ ހިދުމަތްދޭން ފެށުމަށް ނިންމީ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

10 އަތޮޅެއްގެ ހޮސްޕިޓަލެއްގައި މި ހިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެއީ ހއ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅު ހޮސްޕިޓަލާއި ނ. އަތޮޅު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ވެސް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.