
ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު އޮރެންޖް އެލާޓް މިރޭ 11:00 އާ ހަމައަށް ދަންމާލައިފި އެވެ.
މެޓް އޮފީހުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓް ނެރުނީ މިއަދު 15:00 ގަ އެވެ. ކުރިއަށް އޮތް ވަގުތުތަކުގައި އަދިވެސް މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މެޓް އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި މޫސުން ރަނގަޅުވުމުން ގްރީން އެލާޓުގެ ގޮތުގަ އެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އަދި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
މޫސުން ގޯސްވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭ އާއި ފުލުހުން އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
