ގޯލްޑަން ފުޓްސަލް ޗެލެންޖް ޝީލްޑް މެޗުގައި އޭދަފުއްޓާއި ގަން މިރޭ ވާދަކުރަނީ

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ޗެމްޕިއަން އޭދަފުއްޓާއި ލ. ގަން މިރޭ ވާދަކުރާނެ އެވެ.

އޭދަފުއްޓަކީ މިދިޔަ އަހަރު ބޭއްވި ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނުންނެވެ. ފޯރިގަދަ ފައިނަލުގައި އޭދަފުށި މޮޅުވީ ގަމާ ވާދަކޮށް 2-4 އިންނެވެ.

ޗެރިޓީ ޝީލްޑް މެޗަށް ގަން ކޮލިފައިވީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ގަން ހޯދީ ފައިނަލުގައި ގދ. ވާދޫ އަތުން މޮޅުވެގެންނެވެ.

ޗެމްޕިއަނުންގެ މެދުގައި ޗެރިޓީ ޝީލްޑް ކުޅެން ގޯލްޑް ފުޓްސަލް އެސޯސިއޭޝަނުން ފެށީ 2023 ވަނަ އަހަރު އެވެ. ފުރަތަމަ ޝީލްޑް މެޗުގައި ކ. ގާފަރުން ވަނީ 0-3 އިން ތ. ތިމަރަފުށި ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ތިމަރަފުއްޓާ ވާދަކޮށް ގަން ވަނީ 2-3 އިން މޮޅުވެފަ އެވެ.

މިއަހަރުގެ މުބާރާތުގައި އޭދަފުށީގެ ކޯޗުކަން ކުރާނީ ތަޖުރިބާކާރު ފުޓްސަލް ކޯޗު، އަބްދުﷲ ނަސީރު (އަބޯ) އެވެ. މިދިޔަ އަހަރު ރަސްމީކޮށް އޭދަފުށީގެ ކޯޗުކަން ނުކުރި ނަމަވެސް ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމާއި، މެޗު ގަޑީގައި ބެންޗުގެ ބޭރުން ޓީމަށް އިރުޝާދު ދިނުމުގައި އަބޯ މުހިއްމު ރޯލެއް އަދާކުރި އެވެ. އަބޯގެ އެހީގައި ޓީމުގެ ރަސްމީ ކޯޗުކަން މިދިޔަ އަހަރު ކުރީ، ކުރިން ފުރަތަމަ ޑިވިޝަނުގެ ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި، އޭދަފުއްޓަށް އުފަން ފައުޒާން ހަބީބު އެވެ.

ކޯޗު އަބޯ ވަނީ މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި ބެޓާ އިން ބާ އަތޮޅު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުއްޓަށް ހޯދައިދީފަ އެވެ. އެ މުބާރާތުގެ ތެރެއިން ގިނަ ކުޅުންތެރިންތަކަކާއި އެކު ކޯޗު މަސައްކަތްކޮށް މިހާރު ވަނީ ގޯލްޑެން ފުޓްސަލް ޗެލެންޖަށް ސްކޮޑް އެކުލަވާލާފަ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަށް މިއަހަރު ވެސް އޭދަފުށި ނުކުންނާނީ ވަރުގަދަކޮށެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ކިންގް އޮފް ފުޓްސަލްގެ މަގާމް ހޯދި އިޝާން އިބްރާހީމް (ސައްޓު) އާއި މިދިޔަ މަހު އޭދަފުށިން ކާމިޔާބުކުރި ގޯލްޑް ކަޕް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓެ) ހިމެނެ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ޓީމު ނެރެނީ ޔުނައިޓެޑް ވީ އިންނެވެ. އޭދަފުށި 2017 ވަނަ އަހަރުން ފެށިގެން މުބާރާތުގައި ތަމްސީލުކުރަނީ ޔުނައިޓެޑް ވީ އިންނެވެ.
ޗެރިޓީ ޝީލްޑް މެޗުގެ ހާއްސަ ރަސްމިއްޔާތު ފަށާނީ މިރޭ 8:30 ގަ އެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.