
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ރޭ ލ. ގަމާއި ވާދަކޮށް 0-1 އިން އޭދަފުށި ބަލިވެއްޖެ އެވެ.
ޗެރިޓީ ޝީލްޑް މެޗަކީ 2023 ވަނަ އަހަރުން ފެށިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުޅެމުން އަންނަ މެޗެކެވެ. އެ މެޗުގައި ވާދަކުރަނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ގަމުގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނެއިދު (ޖޭންނޭ) އެވެ.
ގަމުން ގޯލު ޖެހުމުން އޭދަފުށިން ވަނީ ކުރިއަށްޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މެޗުގެ ފަހުކޮޅު އޭދަފުށިން އުފެއްދި ނުރައްކާތެރި ހަމަލާތައް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ.
އޭދަފުށި މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން އަދި ހަމްޒާ މުހައްމަދު (ހަމްޕު) ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ.
އަނިޔާގެ ސަބަބުން ގަން ޓީމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) ވެސް ރޭ ކުޅެފައެއްނުވެ އެވެ. ބޮޑު އަނިޔާއަކަށް ފަރުވާ ހޯދާތީ މިއަހަރުގެ މުބާރާތުގައި އިތުބާރު ކެޕްޓަން އޮންލީ ގަން ޓީމުން ނުފެންނާނެ އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލުގައި ގަން 2-4 އިން ބަލިކޮށްގެންނެވެ.
ރޭގެ މޮޅާ އެކު ގަން ވަނީ ޖެހިޖެހިގެން ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ގަން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 3-2 އިން ތ. ތިމަރަފުށި ބަލިކޮށްގެންނެވެ. ޗެރިޓީ ޝީލްޑްގެ ފުރަތަމަ މެޗު 2023 ވަނަ އަހަރު ކާމިޔާބުކުރީ ކ. ގާފަރެވެ.
ގޯލްޑަން ފުޓްސަލް އަތޮޅު ބުރުގެ ކުޅުން މިރޭ ފަށާނެ އެވެ. ބ. އަތޮޅު ބުރުގައި އޭދަފުއްޓާ އެކު ބައިވެރިވީ ފެހެންދޫ އަދި ތުޅާދޫ އެވެ. ބ. އަތޮޅު ބުރުގެ މެޗުތައް ފަށާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.