
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، އެ މަސައްކަތްތައް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް މި މަހު އިޢުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ. ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އެކި ރަށްރަށަށް ވަޑައިގެން މި ދާއިރާގައި ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް އިޢުލާންކުރައްވާނެ ކަމަށެވެ.
މިއީ މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ހުރިހާ ސަރަހައްދުތަކަށް ރައީސް ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވަޢުދުތަކުގެ މަޝްރޫޢުތައް ކަމަށާއި، މަޝްރޫޢުތައް ކުރިއަށްދާނީ އެކި ފަރާތްތަކާ މަސައްކަތްތައް ޙަވާލުކުރެވޭ ތަރުތީބުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރަކީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގޭނެ އަހަރު ކަމަށް ވިދާޅުވި ރައީސް، މާލޭ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫޢުތައްވެސް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި 15،000 ހައުސިންގ ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިންގ ޔުނިޓް އެކު ޖުމުލަ 27،000 ޔުނިޓުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ފާހަގަކުރެއްވި ރައީސް، ގެދޮރު އިމާރާތްކުރުމަށް 1.5 ބިލިއަން ރުފިޔާ އަދި ހައުސިންގ ލޯނަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

