
ބ. އޭދަފުށީ ތަރިވިދާގޭ އަބްދުﷲ އާދަމް މިއަދު ނިޔާވެއްޖެއެވެ.
އުމުރުން 80 އަހަރުގައި އޭނާ ނިޔާވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެއުޅުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އޭދަފުށީގަ އެވެ.
އަބްދުﷲ އާދަމަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތްތަކުގައިވެސް އަމަލީގޮތުން އުޅުއްވި މީހެކެވެ.
މީގެ އިތުރުން އޭނާ އަކީ އޭދަފުށީ ފްރެންޑް މީ ގްރޫޕްގެ ވިޔަފާރި ފަށައި، އެ ވިޔަފާރި ދެމެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ފަރާތެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އޭދަފުށީ މަސްޖިދުލް މުއީނުއްދީން (ބޮޑު މިސްކިތް) ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އަލްމަރުހޫމް އަބްދުﷲ އާދަމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

