
ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހަމަހަމަކަމާއެކު ހިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ރަތަފަންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމަކީ އެންމެ ބޮޑެތި ރަށްތަކުގެ ރައްޔިތުން ބޭނުންވެގެން ސަރުކާރުން ކޮށްދެމުން ގެންދާ ކަންކަން ކަމަށެވެ.
“އަޅުގަނޑުމެންގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކީގައި ހިދުމަތް ދިނުން،” ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމެވެ. އަދި ފެށިފައިނުވާ މަޝްރޫއުތައް އަންނަ އަހަރު ފައްޓަވައި، 2027 ވަނަ އަހަރާ ހަމައަށް ކެމްޕެއިންގެ ވައުދުތަކާއި މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރަތަފަންދޫގެ ތަރައްޤީއަށް ރައީސް އޮތް އަހަރުތެރޭ ތާވަލުކުރައްވާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި، ބަނދަރުގެ މަސައްކަތް ފެށުމާއި، ސިއްޙީ މަރުކަޒާއި ސްކޫލުގެ ވަސީލަތްތައް އިތުރުކުރުން ހިމެނެ އެވެ. އަދި ބައެއް ކުޅިވަރުތަކުގެ ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުމަށް ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

