
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ބ. އަތޮޅު ބުރުގެ މެޗުތައް އަންނަ ހުކުރު ދުވަހު ފަށާނެ އެވެ.
މިއަހަރުގެ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ތިން ޓީމެވެ. އެއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ބ. ތުޅާދޫ އަދި ބ. ފެހެންދޫ އެވެ.
ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު އޭދަފުށި ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ހަވީރު 4 ޖަހާއިރު އެވެ. ދެވަނަ މެޗުގައި ތުޅާދޫ އާއި ފެހެންދޫ ވާދަކުރާނީ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އެ މެޗު ކުޅޭނީ އެރޭ 8 ޖަހާއިރު އެވެ. ލީގު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާ މެޗު ކުޅޭނީ ޖެނުއަރީ 25 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.
ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން މިދިޔަ އަހަރު އޭދަފުށިން ހޯދީ ތުޅާދޫ ބަލިކޮށްގެންނެވެ. އޭގެ ކުރީ އަހަރު ފައިނަލުގައި އޭދަފުށި ވަނީ ފެހެންދޫ ބަލިކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2018 ވަނަ އަހަރު ވާދަކުރަން ފެށިފަހުން އަތޮޅު ބުރުގެ ޗެމްޕިއަންކަން ކޮންމެ އަހަރަކުވެސް ހޯދަނީ އޭދަފުށިންނެވެ. އޭދަފުށިން ވަނީ 2018، 2019، 2022، 2023 އަދި 2024 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އޭދަފުށި ބަލިވީ ތިމަރަފުށި އަތުން 2-5 އިންނެވެ. މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 129 ޓީމަކުން ވާދަކުރެ އެވެ. މިހާރު ކުރިއަށްދަނީ އަތޮޅު ބުރުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން 2015 ވަނަ އަހަރު ފެށި މުބާރާތަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
