
ބ. އަތޮޅުގެ ފަސްރަށް ކަމަށްވާ ކުޑަރިކިލު، ކިހާދޫ، ދޮންފަނު، ފުޅަދޫ އަދި ފެހެންދޫގައި ކުރީ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި އެހެނިހެން މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ފަށައިދިނުމަށް ބ. އަތޮޅު ކައުންސިލުން ސަރުކާރަށް ގޮވާލައިފިއެވެ.
ބ. އަތޮޅު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް، މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެމްޑަބްލިއުއެސްސީ އާ 720 ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް މި ރަށްތަކުގައި އެއްވެސް އަމަލީ މަސައްކަތެއް ފަށާފައި ނުވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އަތޮޅުގެ އެހެން ރަށްރަށުގައި ކުރީ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހިމެނޭގޮތަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުމަށް އެދި ސިޓީ ފޮނުވުނު ނަމަވެސް، މިހާތަނަށް އިޖާބަދީފައިވަނީ ހަމައެކަނި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި ރީޖަނަލް އެއަރޕޯޓްސް ލިމިޓެޑުން އެކަނި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުގެ ނޫސް ބަޔާނުގައިވާ ގޮތުގައި މި މަޝްރޫޢުތައް ކުރިއަށް ނުގެންދެވުމަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ރައްޔިތުންގެ ގިނަ ޙައްޤުތަކަށް އަސަރުކުރާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ، އަތޮޅުގެ ފަސް ރަށުގައި ފަށާފައިވާ ނަރުދަމާގެ މަސައްކަތްތަކާއި އެހެނިހެން މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ފެށުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

