އޭދަފުށީ ފުޓްސަލް ޓީމުގެ މުހިއްމު ކީޕަރު އަފޫ އަށް ބޮޑު އަނިޔާއެއްވެ ކުޅުމާ ދުރަށް

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ބ. އޭދަފުށި ފުޓްސަލް ޓީމުގެ މުހިއްމު ގޯލްކީޕަރު އަފްޒަލް އިބްރާހީމް (އަފޫ) ގެ ކަނާތު ފައި ބިންދައިގެން ގޮސް މިއަހަރުގެ މުބާރާތުގައި ނުކުޅެވި, ފުޓްސަލް ޓީމާ ވަކިވާން ޖެހިއްޖެ އެވެ.

އަފޫގެ ފައި ބިންދައިގެން ދިޔައީ ރޭ އޭދަފުށި ފުޓްސަލް ޓީމުން ކުރި ޕްރެކްޓިސްގެ ތެރެއިންނެވެ. ފަރިތަކުރަމުން ދަނިކޮށް އަފޫ ވެއްޓި ފައި ބިންދައިގެން ދިއުމާއެކު، މެނޭޖްމަންޓުން ވަނީ އަފޫ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

“ރިޕޯޓްތައް ދައްކާގޮތުން އަފޫގެ ކަނާތު ފައި ވަނީ ބިންދައިގެން ގޮސްފަ. މިއީ ޓީމަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ގެއްލުމެއް. އަފޫގެ ފަރުވާގެ ކަންކަން މިހާރު ފަށައިފިން. އެދެނީ އަފޫއަށް އަވަސް ރިކަވަރީއެއް ލިބުން. އެންމެން މިތިބީ އަފޫއާއެކު” ފުޓްސަލް ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު ބުންޏެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އޭދަފުށިން ކާމިޔާބުކުރިއިރު އެންމެ މުހިއްމު އަދާކުރި އެއް ކުޅުންތެރިޔަކީ ކީޕަރު އަފޫ އެވެ.

ބަދަލު ކީޕަރެއްގެ ގޮތުގައި ހުރެ ލިބުނު ފުރުސަތުގައި އަފޫ ވަނީ، ނޮކައުޓް ބުރުގެ ތިން މެޗުގައި ޕެނަލްޓީއަށް އަރައި އޭދަފުށި މޮޅުކޮށްދީފަ އެވެ.

އަފޫގެ މޮޅު ސޭވްތަކާއެކު އޭދަފުށިން ޕެނަލްޓީގައި މޮޅުވީ ގަދަ 16 ގައި މާފަންނާ ވާދަކުރި މެޗާއި ކުއާޓާ ފައިނަލުގައި ތ. ތިމަރަފުއްޓާ ވާދަކުރި މެޗުގެ އިތުރުން ސެމީ ފައިނަލުގައި ކ. ގާފަރާ ވާދަކުރި މެޗުންނެވެ. އޭގެތެރެއިން ސެމީގައި ގާފަރު ބަލިކުރި ވާދަވެރި މެޗުގައި ތިން ޕެނަލްޓީ އަފޫ މަތަކުރި އެވެ.

ޗެމްޕިއަންކަން ހޯދި ދަތުރުގައި އަފޫގެ މޮޅު ކުޅުމާއެކު އޭނާ މަޝްހޫރުވީ އޭދަފުށީގެ “ޕެނަލްޓީ ހީރޯ” ގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ގޯޕްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލުގައި 2-4 އިން ލ. ގަން ބަލިކޮށްގެންނެވެ.

އަފޫ އަށް ބޮޑު އަނިޔާއެއް ކުރިމަތިވިއިރު، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ތުޅާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

އަތޮޅު ބުރުގައި އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ވާދަކުރަނީ ފެހެންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.