
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި، މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބ. ތުޅާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
އަތޮޅު ބުރުގެ މެޗުގައި އޭދަފުއްޓާއި ތުޅާދޫ ވާދަކުރާއިރު، އަތޮޅުން މުބާރާތުގައި ދެން ވާދަކުރަނީ ފެހެންދޫ އެވެ.
އޭދަފުށިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު ކުޅުނު ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ. އެ މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމް ހޯދީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި އަބްދުﷲ ނާސިހު ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދާފަ އެވެ. ގަދަ ފަހެއްގައި އޭދަފުށީގެ ހައިޝަމް ހަސަން ވެސް ހިމެނުނެވެ.
އޭދަފުށި ޓީމު މިއަހަރުވެސް މުބާރާތަށް ނެރުނީ ޔުނައިޓެޑް ވީ އިންނެވެ. އޭދަފުށީ ކައުންސިލާ ގުޅިގެން ޔުނައިޓެޑް ވީ އިން މިއަހަރުގެ މުބާރާތަށް އެކުލަވާލި ސްކޮޑް ރޭ ވަނީ އިއުލާންކޮށްފަ އެވެ. އޭދަފުށި ޓީމުގެ ކޯޗަކީ ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ.
އަތޮޅު ބުރުގެ ދެވަނަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ތުޅާދޫ އާއި ފެހެންދޫ ވާދަކުރާނެ އެވެ. ލީގު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

އަތޮޅު ފައިނަލް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމަށް ޅ އަދި ކ އަތޮޅު ހިމެނޭ ޒޯން ތިނަކުން ފުރުސަތު ލިބިގެންދާނެ އެވެ.
މިދިޔަ އަހަރުގެ އަތޮޅު ބުރުގެ މެޗާއި ފައިނަލް މެޗުގައި އޭދަފުށިން ވަނީ ތުޅާދޫ ބަލިކޮށްފަ އެވެ. އޭގެ ކުރީ އަހަރުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދީ ފެހެންދޫ ބަލިކޮށްގެންނެވެ.
އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މެޗަށް ސަޕޯޓް ކުރުމަށް އޭދަފުށީގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ މެނޭޖްމަންޓުގެ އެދުމެކެވެ.