އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކޮށްފި

އޭދަފުށި ފުޓްސަލް ޓީމް މެޗު ފެށޫމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން — ފޮޓޯ- ރާއިފް ޔޫސުފް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކޮށްފި އެވެ.

މިއަދު ހަވީރު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން އޭދަފުށި މޮޅުވީ 0-1 އިންނެވެ.

އޭދަފުށިން މެޗު ފެށީ އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ އިޝާން އިބްރާހީމް (ސައްޓު) ނުހިމަނަ އެވެ. މެޗު ފަށައިގެން މޮޅަށް ކުޅެ ފުރަތަމަ ހާފުގައި އޭދަފުށިން ލީޑު ނެގި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (މުޑާ) އެވެ.

ދެވަނަ ހާފުގައި ތުޅާދޫ އިން ވަނީ ކުޅުން ރަނގަޅުކޮށް އޭދަފުށީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެ ހާފުގައި ތުޅާދޫގެ ހަމަލާތައް މަތަކުރުމުގައި ގޯލްކީޕަރު އަބްދުﷲ ނާސިހު މޮޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ހާފުގައި އޭދަފުއްޓަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

މެޗުގެ ފަހުކޮޅު ސައްޓު ވަނީ ކުޅެން އަރައިފަ އެވެ. އެކަމަކު ތުޅާދޫގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ފޭބި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މުޅި މެޗުގައި ފާއްޓެ މޮޅު ކުޅުމެއް ދެއްކި އެވެ.

އަތޮޅު ބުރުގެ ދެވަނަ މެޗުގައި ވާދަކުރާނީ ތުޅާދޫ އާއި ފެހެންދޫ އެވެ. އެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ. އޭގެފަހުން އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

އަތޮޅު ފައިނަލް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ޗެމްޕިއަން ޓީމަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުއްޓެވެ. މިއަހަރުގެ މުބާރާތުގައި 129 ޓީމު ވާދަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.