
މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރ. އަތޮޅާއި ބ. އަތޮޅުގައި އާރުޓީއެލް ހައިސްޕީޑް ފެރީ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރޭ ވިދާޅުވެއްޖެއެވެ.
ރ. އުނގޫފާރުގައި ބޭއްވި ޖަލްސާގައި މިވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ރ. އަތޮޅުގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުއެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް އެ ޚިދުމަތް ލިބެން ފަށާނެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާރުޓީއެލްގެ ޚިދުމަތް އަދި ނުލިބޭ ހުރިހާ އަތޮޅަކަށް އެ ޚިދުމަތް މިއަހަރު ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށާއި، އެއީ ރާއްޖޭގެ ތަރައްޤީއާ ގުޅިފައިވާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އާރުޓީއެލްއަކީ އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ފެރީ ޚިދުމަތެކެވެ. މި ވަގުތު މި ޚިދުމަތް ދެނީ އުތުރުގެ ހއ، ހދ، ށ، ނ، އަދި ދެކުނުގެ ގއ، ގދ، ޏ، ސ އަތޮޅުތަކުގައެވެ.

