
ރ. އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ރޭ ހަމަޖައްސައިފިއެވެ.
މި ޚިދުމަތް އެ ރަށުގައި ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަތޮޅު ދަތުރުފުޅުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މިހާތަނަށް ޕާސްޕޯޓުގެ ޚިދުމަތް މާލެ ސަރަހައްދުގައި ލިބެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އަދި ވިލިމާލޭގެ އިތުރުން ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫންނެވެ. އަދި އައިޑީކާޑުގެ ޚިދުމަތް ލިބެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2، ވިލިމާލެ އަދި ހދ. ކުޅުދުއްފުށިންނެވެ.
އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސިއިރު ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހިދުމަތް މި އަހަރު ރާއްޖެ އަށް ފުޅާކުރާނެ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ ގޮތް ހެދުމުގެ މަގުޗާޓެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެ މަގުޗާޓުގައިވާ ގޮތުން ބ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޑިސެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޮގަސްޓުގައި ފަށާނެ އެވެ.

