
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެ ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރުގެ ހުރިހާ ހަރަދުތަކެއް ބޭންކުން ހަމަޖައްސައިދޭ ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހާރު ބޭންކުގެ ޚިދުމަތް ބޭނުންކުރާ އަދި އަލަށް ޚިދުމަތް ބޭނުންކުރަން ފަށާ ފަރާތްތަކުގެ ތެރެއިން، ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރާ ފަރާތްތަކާއި، މުސާރަ ޖަމާކުރާ ފަރާތްތަކާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ގޮތުގައި ބީއެމްއެލް އިސްލާމިކް އިން ވަނީ އިސްލާމިކް އޯވަރޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިންގ، ހައިބްރިޑް ހޯމް ފައިނޭންސިންގ އަދި އިސްލާމިކް ޑެބިޓް ކާޑު ފަދަ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށްދީފައެވެ. އަދި މިހާރު ރާއްޖޭގައި ޝަރީއާއާ އެއްގޮތަށް ހުއްދަކުރެވިފައިވާ ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ހަމައެކަނި ބޭންކަކީވެސް ބީއެމްއެލް އިސްލާމިކް އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނޮވެންބަރު މަހުގެ 30 ގެ ނިޔަލަށެވެ.

