
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި މިއަހަރު ވެސް އޭދަފުއްޓާއި ތުޅާދޫ ވާދަކުރަން ޖެހިއްޖެ އެވެ.
އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުށިން ރޭ ވަނީ ފެހެންދޫ 0-2 އިން ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކުރީ 0-1 އިންނެވެ. ލީގު ބުރުގެ އަނެއް މެޗުގައި ފެހެންދޫ އަތުން ތުޅާދޫ މޮޅުވީ 1-0 އިންނެވެ.
އަތޮޅު ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު 6 ޕޮއިންޓާ އެކު އެއް ވަނަ ހޯދީ އޭދަފުއްޓެވެ. ދެ ވަނަ 3 ޕޮއިންޓާ އެކު ތުޅާދޫ އަށް ލިބުނުއިރު ދެ މެޗުން ބަލިވެ ފެހެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ރޭގެ މެޗުގައި އޭދަފުށީގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ހުސައިން ޝަރީފް (މުޑާ) އެވެ.
މެޗުގައި އޭދަފުށީގެ އެއް ނަންބަރު ގޯލްކީޕަރު އަބްދުﷲ ނާސިހު އާއި އިޝާން އިބްރާހީމް (ސައްޓު) އަދި މުހައްމަދު ފާސިރު (ފާއްޓެ) ކުޅެފައެއްނުވެ އެވެ.
މިއަހަރުގެ މުބާރާތަށް ފެހެންދޫ ނުކުތީ ޒުވާން ޓީމަކާ އެކު އެވެ. އެޓީމުގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ދެ މެޗުގައި އުއްމީދީ ކުޅުމެއް ދެއްކި އެވެ.
މިދިޔަ އަހަރު އަތޮޅު ފައިނަލުގައި އޭދަފުށިން ވަނީ ތުޅާދޫ ބަލިކޮށްފަ އެވެ. އަތޮޅު ޗެމްޕިއަން ޓީމަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ.
މިއަހަރުގެ އަތޮޅު ފައިނަލް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ (މި ހަފްތާ ބުރާސްފަތި) ރޭ 9 ޖަހާއިރު އެވެ. މެޗު ކުޅޭނީ މުބާރާތް ކުރިއަށްދާ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް އެކެއްގަ އެވެ.