
ބ. އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތައް އެކުލަވާލުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ތަމްރީނު މިއަދު ފަށައިފި އެވެ.
“އިބަމަ” އަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މި ތަމްރީން ޕްރޮގްރާމްގައި މި އަތޮޅުގެ ހަ ރަށަކުން ޖުމްލަ 33 މީހުން ބައިވެރިވެފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްދަނީ އޭދަފުށީގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްދާނީ ތަމްރީނުގައި ބައިވެރިވާ ހަ ރަށުގައެވެ.
މި ބެޗުގައި ތަމްރީނު ކުރަނީ ދޮންފަނު، ކިހާދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ، އަދި ކަމަދޫގެ ބައިވެރިންނެވެ.

ޔުނިސެފްގެ އެހީގައި އެ މިނިސްޓްރީން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގެ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަން ޖެހޭ ދައުރާއި، އިޖްތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގައި އިބަމައިގެ މެންބަރުން ސަމާލުވާން ޖެހޭ ކަންކަން ބުނެދޭނެ އެވެ.
ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. އަދި މީގެ އިތުރުން މި މަސައްކަތްތައް ކުރުމަށް އިބަމަ މެންބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްގީ ކުރުމަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކުރެވޭނެ އެވެ.
ބ. އަތޮޅުގައި އިބަމަ ގާއިމުކުރުމަށް މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ބ. އަތޮޅު ކައުންސިލް އިދާރާގެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބެމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ބ. އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތައް އެކުލަވާލުމަށްޓަކައި ފުރަތަމަ ބެޗްގެ ތަމްރީނުތައް ބޭއްވި މިދޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގަ އެވެ.

