މިދިޔަ އަހަރު ބީއެމްއެލްއަށް 2 ބިލިއަން ރުފިޔާގެ ސާފު ފައިދާ

ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 އާ އަޅާބަލާއިރު 4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބޭންކުން އާންމުކުރި އޮޑިޓް ނުކުރާ މާލީ ހިސާބުތަކުން ދައްކާގޮތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ އެސެޓްސް 3 ބިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ.

މިދިޔަ އަހަރު، އާންމުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކޮށްފައިވާ އައު ލޯނުތަކުގެ އަދަދު 5.2 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ހިފަހައްޓާފައިވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައެވެ.

2024 ގެ ހަތަރުވަނަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 47 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި ކުއާޓަރުގައި ބޭންކް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2024 ގައި ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ހާމަވެގެންދާއިރު، މުޖުތަމަޢުއަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަންވެސް ފެންނަން އޮތް ކަމަށެވެ.

“2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ހިދުމަތްކުރަން ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާ އެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާ އެކު،” އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، 2024 ގެ ފަހު ކުއާޓަރުގައި ބޭންކުން ވަނީ “މުޅި ރާއްޖެއަށް އޭޓީއެމް” މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައި، އަދި “ބޭންކް ފަންޑު” ފަސް ފަރާތަކަށް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.