
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރުގެ ޗެމްޕިއަންކަމާއި އަތޮޅު ޗެމްޕިއަންކަން ވެސް ހޯދި އޭދަފުއްޓާއި، ތުޅާދޫ ވާދަކުރާ މިއަހަރުގެ އަތޮޅު ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.
މިއަހަރުގެ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ތިން ރަށަކުންނެވެ. ދެން ބައިވެރިވީ ފެހެންދޫ އެވެ.
ލީގު ބުރުގެ މެޗުތައް ނިމުނުއިރު ދެ މެޗުން މޮޅުވެ އެއްވަނަ ހޯދީ އޭދަފުއްޓެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ ތުޅާދޫ 0-1 އިން ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ފެހެންދޫއާ ވާދަކޮށް މޮޅުވީ 0-2 އިންނެވެ. ތުޅާދޫ ވަނީ 1-0 އިން ފެހެންދޫ ބަލިކޮށްފަ އެވެ. ދެ މެޗުން ބަލިވެ ކެޓީ ފެހެންދޫ އެވެ.
ބ. އަތޮޅު ބުރުގައި ތިން ރަށް ބައިވެރިވެފައިވާތީ ޒޯން ބުރަށް ދާނީ ހަމައެކަނި އަތޮޅު ޗެމްޕިއަނުންނެވެ. އެހެންވެ، މިރޭގެ މެޗު ވާނީ މުބާރާތުގައި ކުރިއަށް ދިއުމަށް މުހިއްމު މެޗަކަށެވެ.
ތުޅާދޫ އިން ވަނީ މީގެކުރިން ހިތާދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން އެއްފަހަރު ހޯދާފަ އެވެ. އެކަމަކު 2018 ވަނަ އަހަރު އޭދަފުށި މުބާރާތުގައި ވާދަކުރަން ފެށިގެން އަތޮޅު ޗެމްޕިއަންކަން އެހެން ޓީމަކަށް ނުލިބެ އެވެ. އޭދަފުށިން ވަނީ 2018، 2019، 2022، 2023 އަދި 2024 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ އަތޮޅު ފައިނަލުގައި އޭދަފުށިން ވަނީ 2-5 އިން ތުޅާދޫ ބަލިކޮށްފަ އެވެ. އެ މެޗުގައި އޭދަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަން (ބިޑި) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އިޝާން އިބްރާހީމް (ސައްޓު) އެވެ. މެޗުގައި ހައިޝަމް ދެ ގޯލު ޖެހައި އަތޮޅު މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ. އެކަމަކު މިއަހަރުގެ މުބާރާތުގައި ހައިޝަމް އާއި ހަމްޕު އަދި ސެންޓޭ އޭދަފުށީ ޓީމުން ނުފެނެ އެވެ. އަނިޔާގެ ސަބަބުން ސައްޓު ވެސް އަދި ކުޅުނީ މަދު ވަގުތުކޮޅެކެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ތުޅާދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ތަސްނީމް އާއި އިބްރާހީމް ރަފާހު އެވެ. ރަފާހު އަކީ މިދިޔަ އަހަރު އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ ފައިނަލް މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް އެކެއްގައި ފަށާނީ މިރޭ 9:30 ގަ އެވެ.