
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ފައިނަލުން އޭދަފުށިން ތުޅާދޫ 3-1 އިން ބަލިކޮށް ހަވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ތިން ޓީމު ވާދަކުރިއިރު، ޓީމުތަކުން ކުޅުނު ލީގު މެޗުތަކުން އޭދަފުށިން ވަނީ ދެ މެޗުންވެސް މޮޅުވެފައެވެ. އޭދަފުށިން ތުޅާދޫ ބަލިކުރީ 1-0 އިން އަދި ފެހެންދޫ ބަލިކުރީ 2-0 އިންނެވެ. ތުޅާދޫން ފެހެންދޫ ބަލިކޮށްފައިވަނީ 1-0 އިންނެވެ.
ރޭގެ ފައިނަލުގައި ތުޅާދޫގެ އެއްވަނަ ގޯލްކީޕަރު ޒިމާމް އަބްދުއްރަހީމް ނެތި ކުޅެންޖެހުނު ނަމަވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި އެއްވަރުކޮށްފައެވެ. އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) އެވެ. ތުޅާދޫގެ ލަނޑު ޖެހީ އަރުސަމް އިސްމާއިލްއެވެ.
ދެވަނަ ހާފުގައި އޭދަފުށިން އިތުރު ދެ ލަނޑު ޖަހައި މޮޅުވިއެވެ. މުހައްމަދު ފާސިރު (ފާއްޓެ) އެހީތެރިވެދިން ބޯޅައަކުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދެވަނަ ލަނޑު ޖެހިއެވެ. އަދި ތިންވަނަ ލަނޑު ޖެހީ މި އަތޮޅު ބުރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ހުސެއިން ޝަރީފް (މުޑާ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ އޭދަފުށީގެ ނިޝާމަށެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހް އެވެ.
މިހާރު އޭދަފުށިން ކުރިއަށް އޮތް ޒޯނު މެޗުތަކުގައި ވާދަކުރާނީ ޅ. އަތޮޅު ޗެމްޕިއަން ކުރެންދޫ އާއި، ކ. އަތޮޅުން ފައިނަލަށް ދިޔަ މާފުށި އަދި ކާށިދޫއާ ދެކޮޅަށެވެ.