ޒޯން ބުރުގައި އޭދަފުށި މިރޭ ޅ. ކުރެންދޫއާ ދެކޮޅަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ތިނެއްގައި އޭދަފުށިން މިރޭ ޅ. ކުރެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުށި ހިމެނޭ ޒޯންގައި ކުރެންދޫއާއެކު ދެން ހިމެނެނީ ކ. އަތޮޅުގެ މާފުށީގެ އިތުރުން ކާށިދޫ އެވެ.

ޒޯންގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ހޮވޭ ދެ ޓީމު ގަދަ 16 އަށް ދަތުރުކުރާނެއެވެ.

އޭދަފުއްޓާއި ކުރެންދޫ ވަނީ މިދިޔަ އަހަރުގެ ޒޯނުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން އޭދަފުށި މޮޅުވީ 0-3 އިންނެވެ. އެ މެޗުގެ ދެވަނަ ހާފުގައި އޭދަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) ގެ އިތުރުން އަހުމަދު ޖައުޝަން އަބްދުﷲ (ޖައު) އެވެ.

މިއަހަރުގެ ޒޯން ބުރުން އޭދަފުށި ފުރުސަތު ހޯދީ އަތޮޅު ބުރުގެ ފައިނަލުގައި ތުޅާދޫ 1-3 އިން ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދައިގެންނެވެ.

ކުރެންދޫ ވަނީ ޅ. އަތޮޅު ފައިނަލުގައި ނައިފަރު ބަލިކޮށްފަ އެވެ. ކ. އަތޮޅުގެ ފައިނަލުގައި މާފުށިން ވަނީ ކާށިދޫ ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޒޯން ތިނެއްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން މިފަހަރު އަތޮޅު ބުރުން ކެޓި އެންމެ ފާހަގަކޮށްލެވޭ ޓީމަކީ ގާފަރެވެ. ގާފަރުން ވަނީ މިދިޔަ އަހަރުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ ކުޅުމެވެ. އޭދަފުއްޓާއި ކުރެންދޫ މިރޭ ވާދަކުރާ މެޗު ހުޅުމާލެ ރެހެންދި ގްރައުންޑް އެކެއްގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ހަމަ އެގަޑީގައި މާފުއްޓާއި ކާށިދޫ ވާދަކުރާ މެޗު ގްރައުންޑް ދޭއްގައި ކުޅޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.