
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އޭދަފުއްޓާއި މާފުށި މިރޭ ވާދަކުރާނެއެވެ.
އޭދަފުއްޓާއި މާފުށި މިރޭ ވާދަކުރާނީ ގޯލްޑަން ފުޓްސަލްގެ ޒޯން ތިނެއްގެ ގްރޫޕް ސްޓޭޖުގަ އެވެ.
ޒޯން ތިނެއްގައި ދެން ހިމެނެނީ ކ. ކާށިދޫ އާއި ޅ. ކުރެންދޫ އެވެ. ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ ޅ. ކުރެންދޫ 1-3 އިން ބަލިކޮށްފަ އެވެ. މާފުށި ވަނީ ފުރަތަމަ މެޗުގައި 3-0 އިން ކާށިދޫ އަތުން ބަލިވެފަ އެވެ.
މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދަން މިރޭގެ މެޗު ކާމިޔާބުކުރުން ދެޓީމަށް ވެސް މުހިއްމެވެ. މިރޭ މޮޅުވެގެން އޭދަފުއްޓަށް ގަދަ 16 ގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރުވާނެއެވެ.
ފުޓްބޯޅައިގައި އޭދަފުއްޓާއި މާފުށީގެ ވާދަވެރި ކުރިމަތިލުމެއް މިދިޔަ ޑިސެމްބަރު މަހު އޮތް ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ވަނީ ފެނިގެންގޮސްފަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުން އޭދަފުށި ވަނީ 2-0 އިން ބަލިވެފަ އެވެ. އެއީ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ދަތުރުގައި އޭދަފުށި ބަލިވި ހަމައެކަނި މެޗެވެ.
ގޯލްޑަން ފުޓްސަލްގެ ތާރީހުގައި މާފުއްޓާ ދެކޮޅަށް އޭދަފުށި ނުކުންނަނީ އަލަށެވެ. މިދިޔަ އަހަރުގެ ޒޯން ތިނެއްގައި އޭދަފުށި ވާދަކުރިއިރު މާފުށި އެ ޒޯނަށް ކޮލިފައިވެފައެއްނުވެ އެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލްގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދިއިރު މާފުށިން ވަނީ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
އޭދަފުއްޓާއި މާފުށި ވާދަކުރާ ޒޯން ބުރުގެ މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 1 ގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. ހަމަ އެގަޑީގައި ކުރެންދޫ އާއި ކާށިދޫ ވާދަކުރާނެ އެވެ.

