
މަދުވެގެން ޕޮއިންޓެއް ހޯދަން މަޖުބޫރު މެޗުގައި އޭދަފުށި ފުޓްސަލް ޓީމު ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ބުރުގެ ފަހު މެޗުގައި މިރޭ ކ. ކާށިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޒޯން ބުރުގައި ހަތަރު ރަށް ހިމެނޭއިރު އެއް ވަނައިގައި އޮތީ ދެ މެދުން މޮޅުވެ 6 ޕޮއިންޓް ހޯދާފައިވާ ކާށިދޫ އެވެ. މިރޭ އޭދަފުއްޓާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ކާށިދޫ އަށް ޒޯން ފައިނަލުގެ ފުރުސަތެއް ނުގެއްލޭނެ އެވެ. ދެ ވަނައިގައި އޮތީ 4 ޕޮއިންޓް ލިބިފައިވާ އޭދަފުއްޓެވެ. ތިން ވަނައިގައި އޮތް މާފުއްޓަށް 1 ޕޮއިންޓް ލިބިފައިވާއިރު ދެ މެޗުން ބަލިވެ ޅ. ކުރެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.
އޭދަފުށި ވަނީ ފުރަތަމަ މެޗުގައި 1-3 އިން ކުރެންދޫ ބަލިކޮށް ދެވަނަ މެޗުގައި މާފުއްޓާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.
މިރޭގެ މެޗު އެއްވަރުކޮށްލައިގެން 5 ޕޮއިންޓާ އެކު އޭދަފުއްޓަށް ޒޯން ފައިނަލާ އެކު ގަދަ 16 ގެ ޖާގައެއް ކަށަވަރުވާނެ އެވެ. އޭދަފުށި ބަލިވެ މާފުށި ގޯލުތަކަކުން ކުރެންދޫ ބަލިކޮށްފި ނަމަ އޭދަފުށި ޒޯން ބުރުން ކެޓުމުގެ ފުރުސަތު އެބައޮތެވެ.
އޭދަފުށި މިވަގުތު އޮތީ 4 ޕޮއިންޓާ އެކު ފައިދާ 2 ގޯލުގަ އެވެ. މާފުށި އޮތީ 1 ޕޮއިންޓާ އެކު ގެއްލުން 2 ގޯލުގަ އެވެ.
އޭދަފުށިން ވަނީ މިދިޔަ އަހަރުގެ ޒޯން ބުރުގައި ކާށިދޫ ބަލިކޮށްފަ އެވެ. އެކަމަކު މިއަހަރު ކާށިދޫ ފެންނަނީ މިދިޔަ އަހަރަށްވުރެ ވަރުގަދަކޮށެވެ. ކާށިދޫ އިން ވަނީ މިއަހަރުގެ ކ. އަތޮޅު ސެމީ ފައިނަލުގައި ގަދަފަދަ ގާފަރު ކަޓުވާލުމަށް ފަހު ޒޯން ބުރުގައި ކ. އަތޮޅުގެ ޗެމްޕިއަން މާފުށި ވެސް ބަލިކޮށްފަ އެވެ.
އޭދަފުއްޓާއި ކާށިދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މާފުއްޓާއި ކުރެންދޫ ވެސް ހަމަ އެގަޑީގައި ކުޅޭނެ އެވެ.