ދަރަވަންދޫގެ ދޮރާށިތަކުގެ ފޮޓޯ މުބާރާތަށް 45,000 ރުފިޔާގެ އިނާމު

ބ. ދަރަވަންދޫ ކައުންސިލުން ރަށުގެ ގޭގެއާއި ދޮރާށިތަކުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

“މަގޭ ދޮރާށި ފޮޓޯ މުބާރާތް” ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދަރަވަންދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ދަރަވަންދޫގެ ރައްޔިތުންނަށެވެ.

މި މުބާރާތަކީ ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 ގައި، ރަށުގެ ރީތިކަން ހާމަކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

ކައުންސިލުން ބުނި ގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ މާމެލާމެލީގެ މީރުވަހުން ހުވަނދުލެވިފައިވާ، ރީތިކޮށް ނަލަކޮށް ކުރެހުން އަޅާފައިވާ ގޯތީގެ ވަށާފާރާއި ދޮރާށިތަކުގެ މަންޒަރު ފޮޓޯތަކުން ދެއްކުމެވެ.

މުބާރާތުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ތިން ފަރާތަކަށް ޖުމްލަ 45,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މުބާރާތުގެ 1 ވަނައަށް ހޮވޭ ފަރާތަކަށް 20,000 ރުފިޔާ ލިބޭއިރު، 2 ވަނައަށް ހޮވޭ ފަރާތަކަށް 15,000 ރުފިޔާ ލިބޭނެއެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާގެ އިނާމު ލިބޭނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ދަރަވަންދޫ ކައުންސިލުގައި ރަޖިސްޓަރީ ވާންޖެހޭނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާއިރު، ފޮޓޯ އަޕްލޯޑްކުރާ އެކައުންޓުގެ ތަފުސީލު ހިމަނަންޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހަތަރު މައިގަނޑު ކަމަކަށެވެ. އެއީ އުފެއްދުންތެރިކަމާއި، ބަގީޗާ ހައްދާފައިވާ މިންވަރާއި، ބަގީޗާގެ އިތުރުން ކޮށްފައިވާ ފަރުމާތަކާއި އަދި މަސައްކަތުގެ ފުރިހަމަކަމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. އަދި މުބާރާތާ ގުޅޭ ގަވާއިދާއި އިތުރު މަޢުލޫމާތު ދަރަވަންދޫ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.