ބީއެމްއެލް ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ބޮޑު ބަދަލުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިންގ ޕްރޮގްރާމްތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު އާންމު ރައްޔިތުންނަށް ގެދޮރުވެރިވުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވެގެންދާނެކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.

ގެދޮރު ގަތުމަށް ދޫކުރާ ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ބިމާއި ގަރާޖް އަދި ޕާކިންގ ސްޕޭސް ގަތުމަށް މިހާރު ފައިނޭންސް ނެގޭނެއެވެ. އަދި 3 މިލިއަން ރުފިޔާއާ ހަމައަށް ހުންނަ މަޝްރޫޢުތަކަށް އަމިއްލައަށް ޚަރަދުކުރަންޖެހޭ މިންވަރު 10 އިންސައްތައަށް ދަށްކޮށްފައިވެއެވެ.

ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާއިރު، ނެގޭނެ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވެއެވެ. މީގެއިތުރުން މަޝްރޫޢުން ލިބޭ އާމްދަނީވެސް މިހާރު ބަލައިގަންނާނެއެވެ.

ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ހޯމް ބިލްޑް ފައިނޭންސިންގގެ ދަށުން ނެގޭނެ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވެއެވެ. އަދި އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މިހާރު ފުރުޞަތު ހުޅުވާލާފައިވާއިރު، ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދުވެސް ވަނީ ދަށްކޮށްފައެވެ.

“ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގ ދޫކުރަނީ ބީއެމްއެލްއިން. މި ބަދަލުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށްވުރެ ގިނަ ބަޔަކަށް ގެދޮރުވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ،” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.