
އުރީދޫން ނޭޝަންގެ ގޭމިން ފެސްޓިވަލްއިން އަލްޓިމޭޓް ޕްލޭޔާ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ވަރުގަދަ ކާމިޔާބީތަކެއް ހޯދައިފައިވާ ހަ ކުޅުންތެރިއަކު ވާދަކުރާ އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާގެ މަގާމަށް ވޯޓުލުން މިއަދު ފަށައިފި އެވެ.
މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ޕަބްޖީ މޮބައިލްގެ ކުޅުންތެރިންނާއި، އީސްޕޯޓްސްގެ އެހެނިހެން ދާއިރާތަކުން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނެއެވެ.
އެގޮތުން އުރީދޫ ކޮންޓެންޑާ ސީރީޒް އެކެއްގެ ޗެމްޕިއަން އަހުމަދު އަޒީނަކީ، ޕަބްޖީ މޮބައިލް ކުޅުންތެރިންގެ ތެރެއިން އައިއީއެސްއެފް ނެޝަނަލް ކޮލިފަޔާޒް ވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ އައިއީއެސްއެފްގެ ރީޖަނަލް ކޮލިފަޔާޒްގައި 12 ވަނަ އާއި ޑެސިމޭޝަން އިންޑިޕެންޑަންސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
ހައިޝަމް ވަހީދަކީ ވެސް ޕަބްޖީ މޮބައިލް ކުޅުންތެރިއެކެވެ. ހައިޝަމް ވަނީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ކޮންޓެންޑާ ސީރީޒް ސީޒަން އެކެއްގެ ޗެމްޕިއަންކަމާއި އައިއީއެސްއެސްއެފްގެ ނެޝަނަލް ކޮލިފަޔާޒް ޗެމްޕިއަންކަމާއި ޑެސިމޭޝަން މޯލްޑިވްސް އިންޑިޕެންޑެންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއަށް ނަން ހޯދައިދިން ކުޅުންތެރިއެއްގެ ގޮތުގައި ވާދަކުރާ ރާއިދު ހަސަނަކީ އެފްސީ 24 ކުޅުންތެރިއެކެވެ. ރާއިދަކީ އެފްސީ 24 ގެ ގްލޯބަލް ލީޑާބޯޑުގައި ޓޮޕް 100 އާއި އެފްސީ ޕްރޯ އޯޕަން ލެޑާގެ ލީޑާބޯޑުގެ ޓޮޕް 50 ގައި ހިމެނުނު ކުޅުންތެރިއެކެވެ.
ޒަމީލް ޒިހުނީއަކީ އޭޝިއަން ގޭމްސް ބެންކޮކްގައި ކުޅުނު ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ ޖީއައި ގޭމިން – ތަންޑަރަސް ތާޒްޑޭ ޔޫޓީ ކާމިޔާބުކޮށް، އުރީދޫ ކޮންޓެންޑާ ސީރީޒް ސީޒަން އެކެއްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
އަހުމަދު މާހިލް އާއި ހަސަން ޝަމްހާނަކީ ސްޓާޒް ގްލޯބަލް ރޭންކުގެ 333 ވަނަ ހޯދާފައިވާ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީޒް 1 ކާމިޔާބުކޮށް ނެޝަނަލް ޓީމް ކޮލިފަޔާ ޗެމްޕިއަންކަން ހޯދާފައެވެ.
މި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް އޮންނާނެއެވެ. ވޯޓުލެވޭނީ ކުޅުންތެރިޔާގެ ނަންބަރު 9144495 އަށް މެސެޖް ކުރުމުންނެވެ.