
މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް 28 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިފަހަރު ލައިޓްސް ގެންނަނީ މިދިޔަ އަހަރު ލައިޓްސް ނުލިބުނު ރަށްތަކަށް ކަމަށެވެ.
“ލައިޓްތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމަ މިއަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން,” މިނިސްޓަރު ވިދާޅުވިއެވެ.
އީދުގެ އުފާ ފާޅުކުރުމަށް، މިދިޔަ އަހަރުވެސް ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލެވުނެވެ. މިކަން ފެއްޓެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުއެވެ. އޭރު މާލެ، ހުޅުމާލެ އަދި ވިލިމާލެވެސް ބޮކިތަކުން ޒީނަތްތެރިކުރެވުނެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ރާއްޖެއަކީ ތަހުޒީބާއި ރީތިކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނެކެވެ. އަދި ދިވެހިންނަކީ އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަންދޭ ބައެކެވެ.
“އަޅުގަނޑުމެން މި ގެންނަ އީދު ލައިޓުތަކަކީ ދެ ކަމަކަށް ފޯކަސްކުރާ ލައިޓުތަކެއް. އެއްކަމަކީ ވަރަށް ބޮޑަށް އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުމާއި އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަމިއްޔަތުކަން އަދި ދިވެހިންގެ ތެރޭގައި އެ ލޯތްބާއި އިހުތިމާރު އޮތް ކަން ފާހަގަވާ ކަމެއް,” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލައިޓްސްތަކަކީ ހަމައެކަނި އީދުގެ ތިން ދުވަހަށް ބޭނުންކުރާ އެއްޗެހިއެއް ނޫނެވެ. ބައެއް ރަށްތަކުން ވަނީ ޖުލައި 26 އާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ މުނާސަބަތުތަކުގައިވެސް މި ލައިޓްސްތަކުގެ އެކި ބައިތައް ބޭނުންކޮށްގެން ރަށް ދިއްލާލާފައެވެ.
މާލޭގައި އީދު ލައިޓްސް ތަޢާރަފުކުރުމުން، އެހެން ރަށްރަށުންވެސް މިފަދަ ލައިޓްސް ބޭނުންވެގެން ވަރަށް ގިނަ ރިކުއެސްޓްތައް އައިސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު މިފަދަ ޚަރަދެއް ކުރަން ޖެހޭތޯ ސުވާލުކުރެވުމުން، މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހިތްހަމަޖެހުމަށް މިކުރާ ޚަރަދަކީ އޭގެ ޒާތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

