އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި

މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކާމިޔާބުކުރި ހައިޝަމް ވަހީދު. — ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ އުސްފަސްގަނޑުގައި ބޭއްވުނު އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ވަނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފައެވެ.

މި ފެސްޓިވަލްގެ އެންމެ މަތީ އިނާމު ކަމުގައިވާ “އަލްޓިމޭޓް ޕްލޭޔާ” ގެ މަގާމާއި 30,000 ރުފިޔާގެ ފައިސާގެ އިނާމު ކާމިޔާބުކޮށްފައިވަނީ ހައިޝަމް ވަހީދު (ހައިއްޓެ) އެވެ.

ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ސްޕޯޓްސް، އަބްދުﷲ ރާފިއު ވަނީ އުރީދޫއިން އީ-ސްޕޯޓްސް އާއި ގޭމިންގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވާފައެވެ. މިގޮތުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ގޭމިން އަދި އީސްޕޯޓްސްއަކީ މިހާރު ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ މުހިންމު ބައެކެވެ.

މި މުބާރާތުގެ ޕަބްޖީ މޯބައިލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދި އެސްޑީއެމްޒެޑް އީސްޕޯޓްސްއަށް 50,000 ރުފިޔާ ލިބުނެވެ. މީގެއިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގެ ޗެމްޕިއަންކަން އެލްއެންއެން ސްލީޕިންގ އިން ހޯދައި 20,000 ރުފިޔާ ކާމިޔާބުކުރިއެވެ. އަދި އީއޭއެފްސީ މުބާރާތުގެ ޗެމްޕިއަންކަމާއި ޓޮޕް ސްކޯރަރގެ މަގާމު ޒަމީލް ޒިހުނީ ހޯދައި ޖުމުލަ 25,000 ރުފިޔާ ކާމިޔާބުކޮށްފައިވެއެވެ.

ފެސްޓިވަލްގެ ކޮސްޕްލޭ މުބާރާތުގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އަދި އެނިމޭ ކެރެކްޓަރުތައް ދިރުވައި، އެމީހުންގެ އުފެއްދުންތެރިކަން ދައްކާލާފައެވެ. މި ބައިގެ ޗެމްޕިއަންކަން އައިޝަތު ހުމައިސާ ބިންތި ޔޫސުފް ވަނީ ހޯދާފައެވެ.

އަލްޓިމޭޓް ޕްލޭޔަރުގެ މަގާމު ހޯދި ހައިޝަމް ވަހީދު ވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތާނގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަކީ އޭނާގެ އަމާޒެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އުރީދޫއިން ބުނީ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ ނޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ތާނގައިވެސް މަސައްކަތްކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.