ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ

ބީއެމްއެލް މޮބައިލް އެޕުން ހިދުމަތް ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް، އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކުގެ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދޭން ނިންމައިފައެވެ.

މިގޮތުން ބީއެމްއެލްއިން އަލަށް ތައާރަފްކުރާ އޮންލައިން ހިދުމަތްތަކުގެ ތެރޭގައި އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ބޭރު ފައިސާގެ މުއާމަލާތްތައް ހިމެނެއެވެ. މީގެ ތެރޭގައި 10 ހާސް ޑޮލަރުން ދަށުގެ އަދަދުތަކުގެ ފައިސާ ރާއްޖެއިން ބޭރުން ވަގުތުން އެކައުންޓަށް ޖަމާކުރުމާއި، 5 ހާސް ޑޮލަރުން ދަށުގެ އަދަދުތައް ރާއްޖެއިން ބޭރަށް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

އަދި ވިޔަފާރިތަކަށް ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި ބިޒްނަސް ކާޑުން ނެގޭނެ އަދަދު 200,000 ރުފިޔާއަށް އިތުރުކުރުމަށްވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ބީއެމްއެލްއިން އިތުރު ހިދުމަތްތަކެއްވެސް ތައާރަފްކުރާނެއެވެ. މީގެ ތެރޭގައި ބޭންކް ކާޑުތައް ކަސްޓަމަރުންގެ ގެއަށް ފޯރުކޮށްދިނުމާއި، ކާޑު މުއާމަލާތްތަކުގެ ފައިސާ 24 ގަޑިއިރު ތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން ހިމެނެއެވެ. އަދި އޭޓީއެމްގެ މައްސަލަތަކުގައި ފައިސާ އެއް ގަޑިއިރު ތެރޭގައި އަނބުރާ ޖަމާކޮށްދިނުމާއި، 24 ގަޑިއިރުގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތްވެސް ލިބޭނެއެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތްތައް ރޯދަ މަހާ ދިމާކޮށް ފަށަނީ، ކަސްޓަމަރުންނަށް ބޭންކަށް ނުގޮސް ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ބޭންކަށް ދާން ބޭނުންވާ ފަރާތްތަކަށް ރޯދަމަހުގެ ފަހު 10 ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ބްރާންޗުތަކުން ހިދުމަތް ލިބޭނެއެވެ. އަދި ފަހު 10 ގައި ބްރާންޗުތައް ބަންދުކުރި ނަމަވެސް، 27 އަދި 29 ވަނަ ދުވަހު ބޭންކުން ހިދުމަތް ދޭނެއެވެ.

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.